maamigili

އދ. މާމިގިލި ޕޮލިސް ސްޓޭޝަނުން އިސްނަގައި ޕޮލިސް މެޑިކަލް ސަރވިސްއާ ގުޅިގެން އދ.އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް ސެޝަނެއް ނަގައިދީފިއެވެ.

މި ހިނގާ ޖުލައި މަހުގެ 5 ވަނަ ދުވަހުގެރޭ އދ. އަތޮޅު މަދަރުސާގެ ހޯލުގައި ކުރިއަށް ގެންދިޔަ ސެޝަނަކީ ބެލެނިވެރިން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ސެޝަނުގައި ހެޔޮ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރާނެ ގޮތާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅެންޖެހޭ ހަރުދަނާ އުޞޫލުތަކާއި އަޅަން ޖެހޭ ފިޔަވަޅުތަކުގެ އިތުރުން ދަރިންގެ އުމުރަށް އަންނަ ބަދަލުތައް ބަދަލުތައް ދެނެގަތުމާއި އެކުދިންގެ މައްސަލަތައް ހައްލުކޮށްދޭނެ ގޮތްތައް ބުނެދީފައިވެއެވެ. މި ސެޝަން ނަގައިދީފައިވަނީ ޕޮލިސް މެޑިކަލް ސަރވިސްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޖުތަބާ އަބްދުއްސައްތާރުއެވެ.

މީގެއިތުރުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކޮންމެހެން ބޭނުންވާނެ މުހިންމު ކަންކަމާ ގުޅޭ މަޢުލޫމާތު ދީފައިވެއެވެ. މިގޮތުން ފައިދާހުރި ކާނާ ކެއުމާއި، ކެއުމުގެ މިންގަނޑުތަކާއި ޤަވައިދުން ކަސްރަތު ކުރުމަށާއި ހަށިގަނޑުގެ ބަރުދަން އިތުރު ނުވެ ހުރުމަށް ކުރެވިދާނެ ކަންކަން ބުނެދީފައިވެއެވެ. މި ސެޝަން ނަގައިދީފައިވަނީ އިންސްޕެކްޓަރ އޮފް ޕޮލިސް ޑޮކްޓަރ އިބްރާހީމް ސަޢީދުއެވެ.

 އދ. މާމިގިލި ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން މާމިގިލި ރައްޔިތުންނާއި މުޢައްސަސާތައް ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ތެރެއިން ބެލެނިވެރިންނަށް ނަގައިދިން ސެޝަންތަކުގައި އދ. އަތޮޅު މަދަރުސާގެ ގިނަ އަދަދެއްގެ ބެލެނިވެރިންނާއި މާމިގިލި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެއެވެ.