ނައިފަރަށް ބަނގުރާ އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޕޮލިސް ލާންސްކޯޕްރަލް އައިމިނަތު އަފްސާނާ
police2

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ނައިފަރަށް ބަނގުރާ އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ޅ.އަތޮޅު ރިސޯޓަކުން ނައިފަރަށް ދަތުރުކުރަމުންދާ ލޯންޗަކުން ނައިފަރަށް ބަނގުރާ އެތެރެ ކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާކާ ގުޅިގެން ، ޖުލައި 4 ވަނަ ދުވަހުގެ 18:10 ހާއިރު ނައިފަރު ދެކުނު ފަރާތު ސިނާއީ ސަރަޙައްދުންނެވެ.

މިމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ދަބަސް ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ފުޅި ފެނިފައިވެއެވެ. އަދި މިމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަށް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަ ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.