viber_image_2019-07-06_18-28-23

މިނިސްޓަރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓުގެ ފަރާތުން އިސްނަގައިގެން ހުޅުމާލެގައި ކުރިއަށްގެންދިޔަ “އަވަށްޓެރި ރެސް” ހަވީރުގައި ފުލުހުން ބައިވެރިވެއްޖެއެވެ.

މި ޖުލައި މަހުގެ 6 ވަނަ ދުވަހުގެ ހަވީރު ހުޅުމާލެ ފްލެޓް ނަންބަރު 111 ކައިރި ހުސްބިމުގައި ކުރިއަށް ގެންދިޔަ މިޙަރަކާތަކީ ހުޅުމާލެ ފްލެޓް 109، 110 އާއި 111 ނަންބަރު ފްލެޓްތަކުގައި ދިރިއުޅޭ މީހުން އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކުރުމަށާއި ހޭލުންތެރިކުރުމަށް ބޭއްވި ވަހީރެކެވެ.

މިހަވީރުގައި ފުލުހުންގެ އިތުރުން މާލެ ސިޓީގެ ވުމަން ޑިވޮލޮޕްމަންޓް ކޮމެޓީ އާއި މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް އާއި މޯލްޑިވްސް ރެޑް ކްރެސެންޓް އަދި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރެޝަނުން ބައިވެރިވެފައިވެއެވެ.  މިހަރަކާތުގައި ބައިވެރިވި ސަރުކާރުގެ މުއައްސަސާތަކާއި ޖަމްޢިއްޔާތަކަށް ވަނީ މައުލޫމާތުދިނުމަށް 1 ގަޑިއިރާ 30 މިނެޓްގެ ވަގުތުކޮޅެއްދީފައެވެ.

މިގޮތުން ފުލުހުންނަށް ލިބުނު ވަގުތުކޮޅުގައި މައުލޫމާތުދީފައިވަނީ ވައްކަން ހިނގުމުގެ ކުރިން ރައްކާތެރިވުމަށްޓަކައި ގެ އެއްކޮށް ހުސްކޮށްފައި ތަނަކަށްދާނަމަ ދޮރު ތަޅުލުމާއި ސައިކަލްތަކުގެ ޝަޓަރ ލޮކް ކުރުމާއި އަދި ކަންބޮޑުވުންތަކެއް ހުރިނަމަ ނެއިބަރ ހުޑް ސަޕޯރޓް އޮފިސަރުނަށް ހިއްސާކުރުމަށް އިރުޝާދުދީފައެވެ. އަދި ނެއިބަރ ހުޑް ސަޕޯރޓް އޮފިސަރުންނަށް ގުޅޭނެ ފޯނު ނަންބަރުތައް ވަނީ ހިއްސާކޮށްފައެވެ.

މިޙަރަކާތުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އަޙްމަދު މަހުލޫފްއާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ އަޙްމަދު އާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާގެ އިތުރުން ފުލުހުންގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.