police-151

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަހިބަދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ޖުލައި 5 ވަނަ ދުވަހުގެރޭ 02:00 ހާއިރު މަހިބަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެރަށު ސަހަރާ ކައިރިންނެވެ.

މިމީހާ ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް ކަރުދާސް ކޮތަޅެއް ވައްޓާލިތަން ފުލުހުންނަށް ފެނުމާއެކު، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހާޟިރުގައި އެކޮތަޅު ބަލައިފާސްކުރިއިރު، ކޮތަޅު ތެރޭގައި އޮތް ދަވާދު ދަޅެއްގެ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 66 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެގެއްޓުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަހުޤީގް ކުރަމުންނެވެ.