police-212

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތ.އަތޮޅު ހިރިލަންދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ހިރިލަންދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭކަމަށް ހިރިލަންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިރިލަންދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި މި އޮޕަރޭޝަނުގައި  ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ޖުލައި 1 ވަނަ ދުވަހު 22:16 ހާއިރު ހިރިލަންދޫ މަގުމަތިންނެވެ. މި މީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ކަރުދާސްކޮޅު ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ތ.ވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަށް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލަ ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަޙްޤީޤް ކުރަމުންނެވެ.