police-181

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބ. އޭދަފުށީ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނެކެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބ.އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔާފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ބ.އޭދަފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ޖޫން 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބ.އޭދަފުށިންނެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި މިމީހާ ހައްޔަރުކޮށް އޭނާގެ ހަށިގަނޑާއި އޭނާ ދިރިއުޅެމުންދާ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 14 ސެލޯފިންކޮޅާއި 26 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.