Traffic mnt

އދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެދުމުގެ މަތިން އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް ގުޅިގެން އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް  8،9 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ޖޫން މަހުގެ މަހުގެ 28 ވަނަ ދުވަހުގެރޭ އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސެންޓަރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއެވެ. މި ރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ދެއްކެވި ވާހަކަފުޅުގައި ޓްރެފިކް މޮނީޓަރ ތަމްރީނު ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުން ދަސްވި އެއްޗެއްގެ ބޭނުން ހިފުމަށާއި ކޮންމެ ކުއްޖަކީވެސް ނަމޫނާ ކުއްޖަކަށް ވުމަށް ނަސޭޙަތްތެރިވިއެވެ.

މިގޮތުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ކުރަންޖެހޭ ކަންކަން މައިންބަފައިންނާއި މުޖުތަމަޢުގެ އެހެން ފަރުދުންނަށްވެސް ބުނެދީ ހަނދާންކޮށްދޭ ބަޔަކަށް ދަރިވަރުން ވާންޖެހޭނެކަމަށާއި ހުރިހާ ދަރިވަރުންނަކީވެސް ރިވެތި އަޙްލާޤުގެ މަތީގައި ތިބެންވާނެ ކުދިބައެއްކަމުގަ ވުމަށް ގޮވައިލެއްވިއެވެ.

 މީގެއިތުރުން ސްކޫލުގެ ހުރިހާ މުވައްޒަފުންނަކީވެސް ކުށްމަދު މުޖުތަމަޢެއް ބިނާކުރަން މަސައްކަތްކުރާނެ މުވައްޒަފުންނަށް ވުމަށާއި ފުލުހުންނާ ގުޅިގެން ވީހާވެސް ގާތުން މިފަދަ ޕްރޮގްރާމްތައް ހިންގުމަށް އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގެ ސްކޫލުތަކުގައި ކުރިއަށް ގެންދާ ޓްރެފިކް މޮނީޓަރިންގ ޕްރޮގްރާމުގެ ތެރެއިން އދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި މަގުމަތީގެ އަދަބުތަކާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި، ރީތި ބަހުން މުޢާމަލާތް ކުރާނެ ގޮތްތަކުގެ އިތުރުން ދަރިވަރުންގެ އުމުރާ ގުޅޭގޮތުން ސެލްފް ޑިފެންސް ކުލާސްތަކެއް ކުރިއަށް ގެންގިޮިސްފައިވެއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި އދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމު ހާޞިލުކުރަމުންދާ 36 ދަރިވަރަކު ބައިވެރިވެފައިވާއިރު މި ޕްރޮގްރާމުގައި ކިޔަވައިދީފައިވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ތަމްރިނާއި ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ،.

adh1

ޓްރެފިކް މޮނީޓަރިންގ ޕްރޮގްރާމު ނިންމި ދަރިވަރުންނަށް ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްރޮގްރާމު ފުރިހަމަ ކުރި ދަރިވަރުންނަށް ހަނދާނީ ލިޔުން ދީފައިވާއިރު އެ ޕްރޮގްރާމު ހިންގުމުގައި އދ.އަތޮޅު ކައުންސިލުން ވެދެއްވާފައިވާ އެހީތެރިކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ޙާއްސަ ހަނދާނީ ފިލައެއް ހަވާލުކޮށްފައިވެއެވެ. މި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޑިވިޜަނަލް ކޮމާންޑުގެ ނޮދަން ވިންގުގެ ހެޑް  ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފްއެވެ. އަތޮޅު ކައުންސިލްގެ ފަރާތުން މި ހަނދާނީ ފިލަޔާ ހަވާލުވެލެއްވީ  އެކައުންސިލްގެ ނައިބު ރައީސް އަޙްމަދު ރަޝީދެވެ.

މި ރަސްމިއްޔާތުގައި ސެންޓަރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންގެ އިތުރުން ޑިވިޜަނަލް ކޮމާންޑުގެ ނޮދަން ވިންގުގެ ހެޑް  ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު އާއި ނޯތު ސެންޓަރަލް ޕޮލިސް ޑިވިޜަންގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢަލީ އާއި އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވެރިންނާއި އދ.އަތޮޅު ކައުންސިލްގެ ނައިބުރައީސްއާއި ދަރިވަރުންގެ ބެލެނިވެރިންނާއި ދަރިވަރުން ބައިވެރިވެފައިވެއެވެ.