ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ ތިން މައްސަލައެއްގައި ހިމެނޭ ތަކެތި: މިތަކެތި ހޯދައި މީހަކު ވަނީ ހައްޔަރުކޮށްފައި --
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ ތިން މައްސަލައެއްގައި ހިމެނޭ ތަކެތި: މިތަކެތި ހޯދައި މީހަކު ވަނީ ހައްޔަރުކޮށްފައި --

 ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް މިމަހު ހުށަހެޅުނު ވައްކަމުގެ މައްސަލަތަކުގެ ތެރެއިން ތިން މައްސަލައެއްގައި ހިމެނޭ ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

ވައްކަމުގެ މިތިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނެކެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ 23 ވަނަ ދުވަހު ކުޅުދުއްފުށީ ގެއަކުން ކަރަންޓް ރޮންދާއަކާއި ގްރޭންޑަރަކާއި ބުރުމާއެއް ވަގަށް ނަގާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައާއި 24 ވަނަ ދުވަހުގެ ވަގުތެއްގައި ކުޅުދުއްފުށީ ގެއަކުން 20 ބޮނޑި ރޯނާއި ބޮނބިނަރު ބަސްތާއަކާއި މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައާއި ޖޫުން 24 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ކުޅުދުއްފުށީ ގެއަކުން ކަރަންޓް ބުރުމާއެއް ވަގަށް ނަގާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައާ ގުޅިގެންނެވެ.

މި ތިން މިމައްސަލަތަކުގައި ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން މޯބައިލް ފޯނު ފެނިފައިވަނީ މިމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާ ދިރިއުޅެމުންދާ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު، އެގޭ ތެރެއިންނެވެ. އަދި ޖޫން 23 ވަނަ ދުވަހު ހުށަހެޅުނު މައްސަލައިގައި ވަގަށް ނަގާފައިވާތަކެތި ފެނިފައިވަނީ ނު އަގުގައި މީހަކަށް ވިއްކާލާފައިވަނިކޮށެވެ. އަދި 24 ވަނަ ދުވަހު ހުށަހެޅުނު މައްސަލައިގައި ހިމެނޭ ރޯނު ބޮނޑިތައް ފެނިފައިވަނީ ފަޅު ގެއެއްގެ ތެރެއިންނެވެ.

މިމައްސަލަތަކާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހދ.ކުޅުުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަތައް ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.