hithadhoo

ކުށްމަދު މުޖުތަމަޢެއް ބިނާކުރުމަށް ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ ތަފާތު ޕްރޮގްރާމްތަކުގެ ތެރެއިން އަމާންވެށި ޕްރޮގްރާމުގައި އައްޑޫސިޓީ ހިތަދޫގެ އިސްރަށްވެހިންނަށް ސެޝަނެއް ނަގައިދީފިއެވެ.

މި ޖޫން މަހުގެ 25 ވަނަ ދުވަހުގެ ހަވީރު އައްޑޫސިޓީ ހިތަދޫގެ ޔޫތު ސެންޓަރުގައި ކުރިއަށް ގެންދިޔަ މި ސެޝަނަކީ ހިތަދޫގެ އިސްރަށްވެހިންނަށް އަމާޒުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މިސެޝަނުގައި ކުށްމަދު ކުރުމަށް އިސްރަށްވެހީންނަށް ފުލުހުންނާ ގުޅިގެން ކުރެވޭނީ ކޮންކަމެއް ކަމާއި އިސްރަށްވެހީންގެ އެހީތެރިކަން ފުލުހުންނަށް ދެވޭނެ ގޮތްތައް ބުނެދީފައިވެއެވެ.

މީގެއިތުރުން އިސްރަށްވެހީންގެ ހުރި ކަންބޮޑުވުންތަކާއި ފުލުހުންނާއި ޖެންޑަރ އަދި ކައުންސިލުގެ ފަރާތުން އިސްރަށްވެހީންނަށް ބޭނުންވާ ކަންކަމާއި އެކަންކަން ފަސޭހަކަމާއެކު ކުރެވޭނެ ގޮތްތައް ބުނެދީފައިވެއެވެ. އަދި އިސްރަށްވެހީންގެ ކަންބޮޑުވުންތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް އައްޑޫސިޓީގެ ޖެންޑަރ އާއި ފުލުހުން ދީފައިވެއެވެ.

މި ސެޝަނުގައި އައްޑޫސިޓީ ހިތަދޫގެ 35 އިސްރަށްވެހިން ބައިވެރިވެފައިވާއިރު މި ސެޝަނުގައި އެފަރާތްތަކާއި އޮންނަ ގުޅުން ހަރުދަނާކުރުމުގެ ގޮތުން ހަދިޔާދީ އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައިވެއެވެ.

މި ސެޝަނުގައި އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާއި ޖެންޑަރ އާއި ހިތަދޫ އަންހެނުން ކުރިއަރުވާ ކޮމެޓީގެ އިތުރުން އައްޑޫސިޓީ ކައުންސިލުން ބައިވެރިވެފައިވެއެވެ.