Coaching Course

ޕޮލިސް ކުލަބާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ "އެފްއޭއެމް ޑީ ސެޓްފިކެޓް ކޯޗިންގ" ކޯސް ފަށައިފިއެވެ.

އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޙުސައިން ޖަވާޒްއެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް މުޙައްމަދު ރަޝީދު އާއި ޕޮލިސް ކުލަބުގެ ނައިބު ރައީސް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލް މަތީން ޢަބްދުލް ކަރީމް އާއި ޕޮލިސް ކުލަބުގެ ޖެނެރަލް ސެކްރެޓަރީ ޗީފް ސްޓޭޝަން އިންސްޕެކްޓަރ ޢަލީ އިބްރާހިމް އާއި ޕޮލިސް ކުލަބުގެ އެކްސްކޯ މެމްބަރުންނާއި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އިޙްސާން ޢަބްދުލް ޢަނީ އާއި އެފްއޭމްގެ އެކި ޑިޕާޓްމަންޓްތަކުގެ އިސް މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޙުސައިން ޖަވާޒް ދެއްކެވި ވާހަކައިގައި ފުލުހުންގެ މުއައްސަސާއަކީ އަބަދުވެސް އެފްއޭއެމްއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ މުއައްސަސާއެއްކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި މިއަދު ފެށިގެންދާ ޑީ ސެޓްފިކެޓް ކޯޗިންގ ކޯހަކީ އެފްއޭއެމްގެ ޑެވެލޮޕްމަންޓް ސްޓްރަކްޗަރ ތެރެއިން ކުރިއަށް ގެންދާ ކޯހެއްކަން ފާހަގަކުރައްވައި، ފުލުހުން ފަދަ މުއައްސަސާއަކުން ކޯޗިންގ އަށް ހާއްސަކޮށްގެން މިފަދަ ކޯހެއް ކުރިއަށް ގެންދާކަމީ ލިބިގެންދާނެ ކުރިއެރުމެއްކަމަށެވެ. އަދި މި ކޯހުގައި ރަނގަޅަށް މަސައްކަތްކުރާ ބައިވެރިންނަށް ކުރިއަށް އޮތްތަނުގައި ސީ ލައިސަންސް ކޯހުން ފުރުޞަތު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

Coaching Course 3

މި ރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދު ދެއްކެވި ވާހަކައިގައި އެފްއޭއެމްގެ ފަރާތުން ޕޮލިސް ކުލަބަށް ގިނަ އެހީތެރިކަން ލިބިގެންދާކަން ފާހަގަކުރައްވައި އެފްއޭއެމްއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޕޮލިސް ކުލަބުން ބައިވެރިވާ ޓީމުތައް ބިނާކުރުމާއި ޓީމުތަކަށް ތަމްރީނު ފޯރުކޮށްދޭ ކޯޗުން ބިނާކުރުމާއި ކޯޗިންގ ދާއިރާއިން ކުރިއަށްދާން ބޭނުންވެފައިތިބި މުވައްޒަފުންނަށް އެދާއިރާއިން ކުރިއަށް ދިއުމުގެ ފުރުޞަތު ހޯދައިދިނުމަކީ ޕޮލިސް ކުލަބު ތަސައްވުރެއްކަން ފާހަގަކުރައްވައި މިއަދު ފެށިގެންދާ ކޯހަކީ މި ތަސައްވުރުގެ ތެރެއިން ކުރިއަށްދާ މަސައްކަތެއްކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަކީ ޕޮލިސް ކުލަބުގެ އަމާޒެއްކަމަށާއި އެކަމަށް މަސައްކަތްތައް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

Coaching Course 2

މީގެއިތުރުން ކޯޗިންގ ދާއިރާއިން އިތުރަށް ކުރިއަށްދާން ބޭނުންވާ މުވައްޒަފުންނަށް ކުލަބުގެ ފަރާތުން އެފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރާނެކަމަށް ވދާޅުވިއެވެ. އަދި ސެޓްފިކެޓެއް ހޯދުމަށްވުރެ، ކޯހުން ލިބޭ މަޢުލޫމާތުތަކުގެ އަލީގައި މަސައްކަތްކޮށް މިދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް މަސައްކަތްކުރުމަށް ކޯހުގެ ބައިވެރިންގެ ކިބައިން އެދިލެއްވިއެވެ.

ފުލުހުންނަށް އަމާޒުކޮށްގެން ޖޫން 27 ން 30 އަށް ކުރިއަށްދާ މި ކޯހުގައި 28 ފުލުހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ދެ ފަރާތަކަށް ފުރުޞަތު ދީފައިވެއެވެ.މިކޯހުގައި އިފެކްޓިވް ކޮމިއުނިކޭޝަންސް އާއި ކޯޗިންގ މެތަޑްސް އާއި ފުޓްބޯޅައިގެ ހުނަރުތައް ދަސްކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.  މި ކޯހުގައި .ކިޔަވައިދެއްވަނީ އެފްއޭއެމްގެ ކަމުގެ ތަޖުރިބާ ލިބިފައިވާ އިންސްޓްރަކްޓަރުންނެވެ