CP Cup

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅޭވޭ ސީޕީ ކަޕް އިންޓަރ ޑިޕާޓްމަންޓް ފުޓްބޯޅަ މުބާރާތާއި ސިކްސްއަ ސައިޑް ވުމަންސް ފުޓްބޯޅަ މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިއްޔެ އިސްކަންދަރު ބިލްޑިންގގައި  ބޭއްވި ގުރުލުމުގެ ރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދު އާއި ޕޮލިސް ކުލަބުގެ ޖެނެރަލް ސެކްޓަރީއާއި އެކްސްކޯ މެމްބަރުންނާއި މުބާރާތުގައި ބައިވެރިވާ ޓީމުގެ މެނޭޖަރުން ބައިވެރިވިއެވެ.

އަންނަ ޖުލައި މަހުގެ 9 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފިރިހެން ޑިވިޜަން ކުރިއަށްދަނީ ދެ ޑިވިޜަނަކަށެވެ. އެއީ ފުރަތަމަ ޑިވިޜަން އާއި ދެވަނަ ޑިވިޜަންއެވެ. ސިކްސްއަ ސައިޑް ވުމަންސް ފުޓްބޯޅަ މުބާރާތުގައި ތިން ޓީމަކުން ބައިވެރިވެފައިވާއިރު އަންހެން ޑިވިޜަން ކުރިއަށްދަނީ ހޯމް އެންމެ އަވޭ އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ދާގޮތަށެވެ.

CP Cup2

ފިރިހެން ޑިވިޜަންގައި ޖުމްލަ  18 ޓީމަކުން ބައިވެރިވެފައިވާއިރު ފުރަތަމަ ޑިވިޜަންގައި 13 ޓީމެއް ހިމެނޭއިރު ދެވަނަ ޑިވިޜަންގައި ހިމެނެނީ ފަސް ޓީމެކެވެ. ފުރަތަމަ ޑިވިޜަން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ކުއާޓަރ ފައިނަލަށް ދާގޮތަށެވެ. އަދި ކޮންމެ ގްރޫޕަކުންވެސް ތިން ވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމަށް ކުއާޓަރ ފައިނަލުން ޖާގަލިބިގެން ދާނެއެވެ.  ދެވަނަ ޑިވިޜަން ކުރިއަށްދަނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީއަށް ދާގޮތަށެވެ.

ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ދޫނިދޫ ކަސްޓޯޑިއަލް އާއި މެރިނަރސް ކުލަބެވެ. މިމެޗުގެ ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 9 ވަނަ ދުވަހުގެރޭ 21:30ގައެވެ.

ފުރަތަމަ ޑިވިޜަންގެ ގްރޫޕް އޭގައި ހިމެނެނީ ދޫނިދޫ ކަސްޓޯޑިއަލް ރެކްރިއޭޝަން ކުލަބާއި މެރިނަރސް ކުލަބާއި ޓީމް އައިއެސްޑީ އާއި ޑީޕީސީ އެފްސީ އާއި ޕީސް މޭކަރސްއެވެ. ގްރޫޕް ބީގައި ހިމެނެނީ އެސްއޯއާރުސީ ނިއު ޖެނެރޭޝަން އާއި އެސްއޯއާރުސީ އާއި އީއެމްއީއެސް ކުލަބާއި ޓްރެފިކް ރެކްރިއޭޝަން ކުލަބެވެ. ގްރޫޕް ސީގައި ހިމެނެނީ އައިޑީ ކުލަބާއި ޑީއީޑީ އާއި ހުޅުމާލެ ޕޮލިސް އަދި ފޮރެންސިކް ކޮމްބައިންއެވެ.

ދެ ވަނަ ޑިވިޜަންގައި ހިމެނޭ ފަސް ޓީމަކީ އެޗްއާރު ކޮމްބައިން އާއި އައި ކުލަބު/ސީޕީޕީއޭ ކޮމްބައިން އާއި ސީއޯސީ ސޮކަރ މޭޓްސް އާއި ޓީއެންޑް ޑީ ކޮމްބައިންގެ އިތުރުން އީއެސްޖީ ކޮމްބައިންއެވެ. އަންހެން ޑިވިޜަންގައި ބައިވެރިވެފައިވާ ތިން ޓީމަކީ އެސްއޯއާރުސީ ހާޓްބީޓް ޕޮލްކޯ އަދި އައިއެސްޑީ ރަނިންއެވެ.