police-212

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންމަފުށީގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަަހަރުގެ ފިރިހެނެކެވެ.  މިމީހާ ހައްޔަރުކޮށްފައިވަނީ ހިންމަފުށީ މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދަނިކޮށް މަގުމަތީގައި ހުރި މީހެއްގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި، ބަލައިފާސްކުރިއިރު އޭނާގެ އަތުުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނުމާއި ގުޅިގެންނެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކ.ހިންމަފުށީގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލެ އަތޮޅު ރިސޯޓަކުން އުމުރުން 21 އަހަރާއި، 20 އަހަރާއި، 24 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިތިން މީހުން ހައްޔަރުކޮށް، އެމީހުން ބަލާފާސްކުރިއިރު  21 އަހަރުގެ މީހާ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދަޅަކާއި ހަތަރު ސެލޯފިންކޮޅާއި، ހަ ރަބަރު ހޮޅިކޮޅު ފެނިފައިވެއެވެ. މި މައްސަލަގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން ވަނީ ދޫކޮށްލާފައެވެ.

މި ދެމައްސަލަ ހިންމަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.