IMG_20190626_172117

ބައިނަލްއަގްވަމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން ދޫނިދޫގައި ބޭއްވި މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މިއަދު މެންދުރުފަހު ދޫނިދޫގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި ޕްރޮސިކިއުޓަރ ޖެނެރަލް އާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި މަސްތުވާތަކެތިި ނައްތާލުމަށް އެކުވަލާލި ކޮމިިޓީގެ މެމްބަރުންނާއި މީޑިއާތަކުންނާއި ބައެއް އާންމު ރައްޔިތުން ބައިވެރިވެލެއްވިއެވެ.

މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާއިމެދު ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލެއްވި ފަސް މެމްބަރުންގެ ކޮމިޓީގެ ބެލުމުގެ ދަށުން މިއަދު ދޫނިދޫގައި ނައްތާލާފައިވާ މަސްތުވާތަކެއްޗަކީ 2014 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން 2019 ޖޫން މަހާ ހަމައަށް، ފުލުހުންގެ މުއައްސަސާއަށް ހުށަހެޅުނު މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން ޝަރީއަތުގެ އެކި މަރުހަލާތައް ނިމިފައިވާ މައްސަލަތަކުގައި ހިފެހެއްޓިފައިވާ މަސްތުވާތަކެއްޗާއި ޝަރީއަތުގެ މަރުހަލާގައިވާ މައްސަލަތަކުގައި ހިފަހެއްޓިފައިވާ މަސްތުވާތަކެތީގެ ބަރުދަނަށް ބަލައި، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ކުރެވޭ މިންވަރުގެ ދެ ބެހެއްޓުމަށްފަހު ބާކީ މަސްތުވާތަކެއްޗާއި، ތުހުމަތުކުރެވޭ ފަރާތެއްނެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މަސްތުވާތަކެތިއެވެ.

IMG_20190626_172121

އެގޮތުން ތަފާތު 3156 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 416.9 ކިލޯގްރާމްގެ މަސްތުވާތަކެތި ނައްތާލާފައިވާއިރު، މިއީ މަގުމަތީގެ އަގުން ބަލާނަމަ ގާތްގަނޑަކަށް 414 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗެވެ.

މިއަދު ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި ބޮޑެތި މައްސަލަތަކެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ހިމެނެއެވެ. އެގޮތުން މިއަދު ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ގދ. އަތޮޅު ފަޅުރަށެއްކަމުގައިވާ ގދ. ހުޅުވާރުލުން ހޯދި 149 ކިލޯގެ މަސްތުވާތަކެއްޗާއި 2019 ވަނަ އަހަރު މެއި މަހުގެ 6 ވަނަ ދުވަހު އިރާންގެ ބޯޓެއްކަމަށްވާ ނަސީރީ ބޯޓުުން އަތުލައިގަނެވުނު 50 ކިލޯގެ މަސްތުވާތަކެއްޗާއި 2016 ވަނަ އަހަރު ޖޫން 6 ވަނަ ދުވަހު ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު29 ކިލޯގެ މަސްތުވާތަކެތީގެ އިތުރުން 2014 ވަނަ އަހަރުގެ މާރިޗު މަހުގެ 11 ވަނަ ދުވަހު އީރާންގެ ބޯޓެއްކަމަށްވާ ފޮރުމޯޒް އިން ރާއްޖެ އެތެރެކުރަންއުޅުނު 24 ކިލޯގެ މަސްތުވާތަކެތި ހިމެނެއެވެ.

މިއީ މިފަދަ ގޮތަކަށް ފުލުހުންގެ ތާރީޚްގައި ގިނަ ޢަދަދަކަށް އެއްފަހަރާ މަސްތުވާތަކެތި ނައްތާލި ފުރަތަމަ ފަހަރެވެ.