traffic

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ.

ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓާއި މަހިބަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ޖޫން 24 ވަނަ ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި، މަގުމަތީގެ ރިވެރި އަދަބުތަކާއި ގުޅޭ ގޮތުންނާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް އުޅަނދު ދުއްވުމާއި އަދި އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ދަރިވަރުން މަގުމަތީގައި ހަރަކާތްތެރިވާއިރު އެދަރިވަރުންގެ އިރުޝާދާއި އެއްގޮތަށް ބެލެނިވެރިން އަމަލުކުރުމަށާއި އެކްސިޑެންޓެއް ހިނގައިފިނަމަ އަމަލުކުރަންވީ ގޮތާއި އެކްސިޑެންޓްތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މިޕްރޮގްރާމުގައި، އދ. އަތޮޅު ތައުލީމީ މަރުކަޒުގެ 137 ބެލެނިވެރިން ބައިވެރިވެފައިވެއެވެ.