Laamu

ކުޑަކުދިންނާއި ގުޅޭގޮތުން ލ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކަށް ހުށައެޅޭ މައްސަލަތައް ތަޙުޤީޤު ކުރުމުގެ މަސައްކަތް އަވަސްކޮށް ހަރުދަނާ ކުރުމުގެ ގޮތުންނާއި ޝަރުޢީ މަރުޙަލާގައި މައްސަލަތައް ނިންމުމުގައި މިހާރަށްވުރެ އަވަސް ކުރުމުގެ ގޮތުން ލާމު ފެމެލީ އެންޑް ޗައިލްޑް ސަރވިސް ސެންޓަރާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

ޖޫން 23 ވަނަ ދުވަހު ލ. ގަން ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، ފުލުހުންނަށް ހުށައެޅޭ ކުޑަކުދިންގެ މައްސަލަތަކުގެ ތަޙުޤީޤު މަރުހަލާ ކުރިއަށް ދިޔުން ލަސްވަމުންދާތީ އެކަންކަން ޙައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.

އަދި ކުޑަކުދިންނާއި ގުޅޭ ބޮޑެތި މައްސަލަތައް ތަޙުޤީޤު ކުރާ ފުލުހުންގެ މަސައްކަތް މިހާރަށް ވުރެ ރަނގަޅު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި މިފަދަ މައްސަލަތަކުގެ ތަޙުޤީޤީ މަރުޙަލާ ނިންމާ ޕީޖީއަށް ފޮނުވުމުގައި ދެފަރާތުގެ ދައުރާއި ގުޅޭގޮތުން މަޝްވަރާކުރުމާއި ދިމާވާ ދަތިތައް ޙައްލު ކުރުމަށް ދެފަރާތުން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

މި ބައްދަލުވުމުގައި، ލ. އަތޮޅު ކޮމާންޑަރާއި ޑިވިޜަން ކޮމާންޑަރުގެ އިތުރުން ޕީޖީ އޮފީހުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.