ފަސްޓްލައިން މެނޭޖްމަންޓް ކޯސް ނިންމައި ބައިވެރިންނަށްހަނދާނީ ލިޔުންދީފި

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މަރިޔަމް އަޒްލިފާ
first line

ޕޮލިސް އެކަޑަމީން ހިންގި ފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ ތިންވަނަ ބުރު ނިންމައި ދަސްވެނިވި ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ޖޫން 19 ވަނަ ދުވަހު ދ.ވާނީގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދަސްވެނިންނަށް ލިޔުން ހަވާލުކޮށްދެއްވީ ހެޑް އޮފް ސްޕެޝަލިސްޓް ސަޕޯރޓް ޑައިރެކްޓަރޭޓް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ އަޙްމަދެވެ.

މި ރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ އަޙްމަދު ދެއްކެވި ވާހަކަފުޅުގައި، މިކޯހުން ދަސްވި އެއްޗެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް ކޯހުގެ ބައިވެރިންގެ ކިބައިން އެދިލެއްވިއެވެ. އަދި މިއަދުގެ އައު ލީޑަރޝިޕާއި އެކުގައި ވުޖޫދުކުރެވި ތަންފީޒުކުރުމަށް މަސައްކަތްކުރަމުންދާ ސްޓްރެޓީޖިކް ޕްލޭންގެ މަޤްޞަދުތައް ހާސިލްކުރުމުގައި މި ކޯސް ނިންމި ބައިވެރިންގެ ޒިންމާ ބޮޑުކަން ފާހަގަކުރެއްވިއެވެ.

މި ކޯހަކީ ޕޮލިސިންގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސައްކަތްތައް ރަނގަޅުގޮތުގައި ބައްޓަންކުރުމަށާއި އެކި ރޭންކްތަކުގެ މުވައްޒަފުންނަށް ދޭންޖެހޭ ތަޢުލީމާއި ތަމްރީނާއި އަދި ޤާބިލްކަން އިތުރު ކުރުމަށްޓަކައި ފަރުމާކުރެވިގެން ކުރިއަށްގެންދާ ކޯހެކެވެ. އެގޮތުން ޕޮލިސް ކޮންސްޓަބަލް ރޭންކުން ފެށިގެން ޕޮލިސް ސަރޖަންޓް ރޭންކާއި ދެމެދުގެ މުވައްޒަފުންނަށް ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ އެންމެ އަސާސީ ތަޢުލީމާއި ތަމްރީން ހިމެނޭގޮތަށް މިކޯހުގައި ކިޔަވައިދީފައިވެއެވެ.

މި އަހަރުގެ އެޕްރީލް 28ން ޖޫން 19ށް ކުރިއަށް ގެންދިޔަ މިކޯހުގައި 31 ފުލުހަކު ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައިވެއެވެ.

ހަތް ހަފްތާގެ މުއްދަތަށް ހިންގި މި ކޯހުގައި 37 މުދައްރިބަކު ކިޔަވައިދީފައިވާއިރު 19 މުދައްރިބުންނަކީ އެހެނިހެން މުއައްސަސާތަކުން ގެނެވިފައިވާ މުދައްރިބުންނެވެ.

ފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ ތިންވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ އަޙްމަދުގެ އިތުރުން ހެޑް އޮފް ޓްރެއިނިންގ އެންޑް ޑިވަލޮޕްމަންޓް ޑައިރެކްޓްރޭޓް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަބްދުއްރަހްމާނާއި ސެންޓްރަލް ޕޮލިސް ޑިވިޜަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ޝަރީފާއި ދ. އެޓޯލް ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ދިންހާމްގެ އިތުރުން ހެޑް އޮފް ޓްރެއިނިންގ ސްކޫލް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ހަނީފާއި އަދި ކޯހުގެ މުދައްރިބުންނާއި ބައިވެރިވެލެއްވިއެވެ.