police 15

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކ. ކާށިދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި ދެއޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ތިންމީހަކު ކާށިދޫން ހައްޔަރުކޮށްފިއެވެ.

މި ދެއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެއްގެ އިތުރުން 35 އަހަރުގެމީހެކެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މި ތިން މީހުންގެ ތެރެއިން 30 އަހަރުގެ މީހާއާއި 35 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކާށިދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތި ބޭނުންކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިއަދު 10:50 ހާއިރު ހިންގި އޮޕަރޭޝަންގައެވެ. މި ދެމީހުން ހައްޔަރުކޮށް، މިދެމީހުން ދިރިއުޅޭގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި އަށް ރަބަރު ޕެކެޓު ފެނިފައިވެއެވެ.

26 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކާށިދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތި ބޭނުންކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖޫން 11 ވަނަ ދުވަހުގެ 18:40 ހާއިރު ހިންގި އޮޕަރޭޝަންގައެވެ. މިމީހާ ހައްޔަރުކޮށް، މިމީހާ ދިރިއުޅޭގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތުވަނީ ދީފައެވެ.

މި ދެމައްސަލަ ވެސް ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.