ބަނގުރާ ފުޅިތަކަކާއެކު މާލޭން ބިދޭސީއަކު ހައްޔަރުކޮށްފި

ޕޮލިސް ލާންސް ކޯޕްރަލް ޙުސައިން މުއާޛް
alch00

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގަލޮޅު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ފުޅި ތަކަކާއެކު މާލޭން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 49 އަހަރުގެ ބަނގްލަދޭޝް ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ އާއްމު ފަރާތަކުން ދިން މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ޖޫން މަހުގެ 11 ވަނަ ދުވަހުގެރޭ 23:02 ހާއިރު ބުރުޒުމަގުންނެވެ. މިއޮޕަރޭޝަންގައި މިމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުގައިއޮތް ކޮތަޅެއްގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ ދިޔާއެއްޗެއް އަޅާފައިހުރި 10 ފުޅި ފެނިފައިިވެއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.