ތ. ހިރިލަންދޫން މަސްތުވާތަކެއްޗާއިއެކު ދެމީހަކު ހައްޔަރުކޮށްފި

ޕޮލިސް ލާންސްކޯޕްރަލް އައިމިނަތު އަފްސާނާ
Hirilandhoo

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ. ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެކެވެ.

މިދެމީހުން ހައްޔަރުކޮށްފައިވަނީ ހިރިލަންދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޖޫން 11 ވަނަ ދުވަހުގެ 19:00 ހާއިރު ހިންގި އޮޕަރޭޝަނެއްގައެވެ. މިއޮޕަރޭޝަނުގައި މިމީހުން ހައްޔަރުކޮށް މިމީހުން ދިރިއުޅޭ ގެ، އެގޭގެ ވެރިފަރާތުގެ ހުއްދައާއެކު ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު  ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަރުދާސްކޮޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ހޮޅިކޮޅު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ތ. ވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 31 އަހަރުގެ މީހާއަށް ފަސްދުވަހުގެ މުއްދަތު ދީފައިވާއިރު 38 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތުވަނީ ދީފައެވެ.

މިމައްސަލަ ތ. ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.