Kanduhulhudhoo

ގއ. ކަނޑުހުޅުދުއަކީ ކުށްމަދު އަމާން ރަށަކަށް ހެދުމަށްޓަކައި އެރަށުގައި މަސައްކަތްކުރާ ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އެރަށުގައި ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން ޖޫން 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި، ކަނޑުހުޅުދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުންކުރުން ހުއްޓުވުމަށްޓަކައި އެރަށުގައި ދަތުރުކުރާ ޑިންގީތަކާއި ލޯންޗު ތަކުގެ ވެރިންނާއި ބައްދަލުކޮށް މަޝްވަރާކޮށްފައިވެއެވެ. މި ބައްދަލުވުމުގައި، މަސްތުވާތަކެތި ބޭނުންކުރާ ނުވަތަ އެފަދަ ކަމަކަށް ޝައްކުކުރެވޭ މީހަކު ޑިންގީގައި ނުވަތަ ލޯންޗެއްގައި ދަތުރެއްކުރަން އެދެފިނަމަ ލަސްނުކޮށް އެކަން ފުލުހުންނަށް އެންގުމަށް އެދިފައިވެއެވެ.

މަސްތުވާތަކެއްޗާއި ގުޅުންހުރި ކަމެއްގައި ކުރާ ދަތުރެއްކަން އުޅަނދުގެ ވެރިފަރާތަށް ޔަޤީންވެއްޖެނަމަ އެފަދަ ދަތުރުތަކަށް އުޅަނދު ނުދިނުމާއި އަދި މަސްތުވާތަކެއްޗާއި ގުޅުންހުރި އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ފުލުހުންނަށް އެކަން އެންގުމަށް އުޅަނދުގެ ވެރިން އެއްބަސްވެފައިވެއެވެ. އަދި އުޅަނދުފަހަރު ރަޖިސްްޓްރީ ކުރުމަށް ބާރުއަޅައި ރަޖިސްޓްރީ ނުކޮށްހުރި އުޅަނދުތައް ނޯޓު ކޮށްފައިވެއެވެ. މީގެ އިތުރުން ކަނޑުހުޅުދޫ ސްކޫލުގައި ތަޢުލީމް ހާޞިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން ކުށުގެ ވެއްޓާއި ގާތްކަމަށް ފާހަގަކުރެވިފައިވާ ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިންނާއި ބައްދަލުކޮށްފައިވެއެވެ.

ޖޫން 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، ދަރިވަރުގެ އުޖާލާ މުސްތަޤުބަލަށްޓަކައި ބެލެނިވެރިޔާގެ ދައުރުގެ މުހިންމުކަން ފާހަގަކޮށް ދަރިވަރަކީ މުޖްތަމަޢަށް ބޭނުންހިފޭ ދަރިވަރަކަށް ހެދުމަށްޓަކައި ބެލެނިވެރިންގެ ދިރިއުޅުމަށް ގެނެވިދާނެ ބަދަލުތަކާއި ބެހޭގޮތުން މަޢުލޫމާތުދީ މަޝްވަރާކޮށްފައިވެއެވެ. އަދި އެކުދިން އެކުވެރިވެ ގުޅިގެން އުޅޭ ކުދިންނަކީ ކޮބައިތޯ ބަލައި އުމުރާއި ނުގުޅޭ ކުދިންނާއި އެކުގައި އުޅޭނަމަ އެކަން ހުއްޓާލުމަށް ދަރިވަރަށާއި ބެލެނިވެރިޔާއަށް ނަޞޭޙަތްތެރިވެފައިވެއެވެ.

މި ބައްދަލުވުމުގައި ދަރިވަރާއި ބެލެނިވެރިޔާގެ އިތުރުން ސްކޫލުގެ ފަރާތުން ޓީޗަރެއް ބައިވެރިވެފައިވެއެވެ.