ފާށަނާކިލެގެ މަގުން ހިނގާފައިދިޔަ ބިދޭސީއަކަށް ތޫނު އެއްޗަކުން ބިރުދައްކައި ފޭރުނު މީހަކު ހިފަހައްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިއަދު ހެނދުނު 07:57 ހާއިރު ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ބިރުދެއްކުމަށް ފަހު ފޭރިގަނެގެން ފިލަން އުޅުނު މީހާ ހިފަހައްޓާފައިވަނީ ޑިއުޓީއަށް ދިއުމަށް އެވަގުތު އެމަގުން ދިޔަ ފުލުހަކަށް އެމަންޒަރު ފެނުމުން އެމީހާގެ ފަހަތުން ގޮސް، ދޮންދޫނި ޕްރީސްކޫލް ކައިރިންނެވެ. މިމީހާ ހިފަހައްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު، ބިދޭސީ މީހާގެ އަތުން ފޭރުނު ތަކެތި ފެނިފައިވެއެވެ.

ބިދޭސީ މީހާގެ އަތުން ފޭރިގެންފައިވަނީ މޯބައިލް ފޯނަކާއި 1000 ރުފިޔާއެވެ. މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިމައްސަލަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުންނެވެ.