Marine police

 ކަނޑު ދަތުރުފަތުރު ކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި ކަނޑުމަތީގައި ހިނގާ ހާދިސާތައް މަދުކުރުމުގެ ގޮތުން މާލެ ސަރަޙައްދުގައި ދަތުރުކުރާ ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ޕްރޮގްރާމެއް މެރިން ޕޮލިސްގެ މެރިން އިންވެސްޓިގޭޝަން ޔުނިޓުން ފަށައިގެން ކުރިއަށް އެބަދެއެވެ.

ޖޫން 1 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މިޕްރޮގްރާމްގެ ދަށުން، މުދާއުފުލާ އުޅަނދުފަހަރާއި ޕަސިންޖަރުން އުފުލާ އުޅަނދުތައް ބަލައިފާސްކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކޮށްފައިވާ ސީވާދިނަސް ހުއްދައާއި އެއްގޮތަށް އުޅަނދު ފަަހަރުގެ ސަލާމަތީ ކަންކަން ހުރިތޯ ބެލުމާއި، އެއުޅަނދެއް ދުއްވަނީ ލައިސަންސް އޮތް ފަރާތެއްތޯ ކަށަވަރު ކުރުމާއި އެއްވެސް އުޅަނދެއްގައި ކެޕްޓަނުންގެ ގޮތުގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ހަރަކާތްތެރިވޭތޯ ބެލުމަށް ހަމަޖެހިފައިވެއެވެ.

Marine police 1

މީގެއިތުރުން އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން ބުނެދިނުމާއި އުޅަނދުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް މަޢުލޫމާތު  ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ކަނޑުމަތިން އެއްވެސް އުޅަނދަކަށް ހާދިސާއެއް ދިމާވެއްޖެނަމަ ފުުލުހުންގެ ފަރާތުން ދޭންޖެހޭ އެހީތެރިކަން އެންމެ އަވަސް ގޮތެއްގައި ފޯރުކޮށް ދިނުމަށްޓަކައި،  މިޕްރޮގްރާމްގެ ދަށުން ބަލައިފާސްކުރެވޭ އުޅަނދު ފަހަރުގެ ވެރިފަރާތުގެ މަޢުލޫމާތާއި އުޅަނދު ދުއްވާ ފަރާތުގެ މަޢުލޫމާތާއި ފަޅުވެރިންގެ މަޢުލޫމާތު ނަގައި އެފަރާތްތަކާއި ގުޅޭނެ ނަންބަރުވެސް ދަނީ ނަގަމުންނެވެ.

މިޕްރޮގްރާމްގެ ދަށުން މިހާތަނަށް 36 އުޅަނދު ބަލައިފާސްކޮށްފައިވެއެވެ.