Himmafushi

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު ހިންމަފުށިން ހައްޔަރުކޮށްފިއެވެ.

މިކުއްޖާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ހިންމަފުއްޓަށް ދަތުރުކުރަމުންދާ ފެރީ ދޯންޏަކުން ހިންމަފުއްޓަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 30 ވަނަ ދުވަހުގެ ރޭ 23:41 ހާއިރު ހިިންގި އޮޕަރޭޝަންގައެވެ.

މިއޮޕަރޭޝަންގައި، އެ ފެރީ ދޯނިން ހިންމަފުއްޓަށް ފޭބި 18 އަހަރުން ދަށުގެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މީނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ސެލޯފިން ކޮޅާއި ތިން މޯބައިލް ފޯނާއި މޯބައިލް ފޯނުގެ ޗާޖަރެއް ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކުއްޖާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ. ހިންމަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ހިންމަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤުކުރަމުންނެވެ.