Kaashidhoo

ކ. ކާށިދޫ ގެއަކުން ވައްކަން ކޮށްފައިވާ ކަމަށްބުނެ މި މަހުގެ 25 ވަނަ ދުވަހު ކާށިދޫ ޕޮލިސް ސްޓޭޝަނަށް ހުޅަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، އެ ގެއިން ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ބައެއްތަކެތި ހޯދައި ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ވިއްކަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 30 ވަނަ ދުވަހުގެ ރޭ ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި  ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތީގެ ތެރެއިން ލެޕްޓޮޕަކާއި ޓެބްލެޓެއް ކާށިދޫ ގެއެއްގެ ވަލުފަރާތުގައި ފޮރުވާފައި ހުއްޓައި ފުލުހުންވަނީ ހޯދާފައެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މިމައްސަލަ ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.