police

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި  ހއ. އަތޮޅުގެ ރިސޯޓަކުން މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މާލެއިން ފުރައިގެން ހއ. އަތޮޅުގެ ރިސޯޓަކަށް ދަތުރުކުރަމުންދާ ސަޕްލައި ދޯންޏަކުން ދެމީހަކު މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިއަދު 05:15 ހާއިރު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރާއި 32 އަހަރުގެ މީހެކެވެ. އެރިސޯޓުން މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ރަބަރު ފެކެޓު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހއ. އުލިގަމު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.