ފަައިލު ފޮޓޯ--
ފަައިލު ފޮޓޯ--

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރ. ދުވާފަރު ޕޮލިސް ސްޓޭޝަނާއި އުނގޫފާރު ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި ދެމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެކެވެ.

މި ދެމީހުންގެ ތެރެއިން 29 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ރ. އިފުރުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 25 ވަނަ ދުވަހުގެ ރޭ 01:30 ހާއިރު ހިންގި އޮޕަރޭޝަންގައެވެ. އުގޫފާރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި އިފުރު ބަނދަރު ސަރަހައްދުން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތް ކަރުދާސްކޮޅު ފެނިފައިވެއެވެ.

36 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ދުވާފަރުގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 25 ވަނަ ދުވަހުގެ 09:00 ހާއިރު ހިންގި އޮޕަރޭޝަންގައެވެ.  އުނގޫފާރު ޕޮލިސް ސްޓޭޝަނުން ހިންގި މިއޮޕަރޭޝަންގައި މިމީހާ ހައްޔަރުކޮށް، މިމީހާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މިމައްސަލަގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި ދެ މައްސަލަވެސް ފުލުހުންދަނީި އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.