މަސްތުވާތަކެއްޗާއިއެކު ތިން މީހަކު ކ. ކާށިދޫން ހައްޔަރުކޮށްފި

ޕޮލިސް ލާންސްކޯޕްރަލް އައިމިނަތު އަފްސާނާ
police 3

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ. ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއިއެކު ތިންމީހަކު ކާށިދޫން ހައްޔަރުކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި އަދި 37 އަހަރުގެ މީހެކެވެ. ކާށިދޫ ފަޅުގެއެއްގައި މަސްތުވާތަކެތި ބޭނުން ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ކާށިދޫ ޕޮލިސް ސްޓޭޝަނުން މެއި 18 ވަނަ ދުވަހުގެ 16:50 ހާއިރު ހިންގި އޮޕަރޭޝަންގެ ތެރެއިން، މި ތިން މީހުން ތިބި ތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 27 އަހަރުގެ މީހާ އަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާއިރު 21 އަހަރުގެ މީހާއާއި 37 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 10  ދުވަހުގެމުއްދަތެއް ދީފައިވެއެވެ.

މިމައްސަލަ ކ. ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.