Drug

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެރެއިން ކ. މާފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފިއެވެ.

އާއިލީ ބައްދަލުވުމަކަށް މާފުށީ ޖަލަށްދާ މީހަކު މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ އަންހެނެކެވެ.

މެއި 16 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން މާފުށީ ޖަލު ސަރަޙައްދުން  މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ދެ ކޮތަޅު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ. މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މިމައްސަލަ ކ. މާފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.