އދ. މާމިގިލިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ޕޮލިސް ސްޓާފް ސަރޖަންޓް މަރިޔަމް އަޒްލިފާ
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން -- ފައިލު ފޮޓޯ
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން -- ފައިލު ފޮޓޯ

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އދ. މާމިގިލީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު މީހަކު  ހައްޔަރުކޮށްފިއެވެ.

މާލެއިން ފުރައިގެން މާމިގިއްޔަށް ދަތުރުކުރަމުންދާ ފެރީ ލޯންޗަކުން ދަތުރުކުރަމުންދާ މީހަކު މާމިގިއްޔަށް މަސްތުވާތަކެތި ގެންދާކަމަށް އާންމު ފަރާތަކުން މާމިގިލި ޕޮލިސް ސްޓޭޝަނަށް ދިން މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މެއި 18 ވަނަ ދުވަހުގެ 17:00 ހާއިރު ހިންގި މިއޮޕަރޭޝަންގައި، އެ ލޯންޗު މާމިގިލީ ބަނދަރާއި ގާތްކުރުމުން ލޯންޗުން ފައިބައިގެން ދަނިކޮށް އެމީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 111 ސެލޯފިން ކޮޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބުލެޓު ސައިޒުގެ ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މީގެ އިތުރުން މާމިގިލި ބަނދަރު ސަރަޙައްދުގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 18 ވަނަ ދުވަހުގެ 14:00 ހާއިރު ހިންގި އޮޕަރޭޝަންގައި މާމިގިލީ ބަނދަރު ސަރަޙައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި ދެ މައްސަލަވެސް އދ. މާމިގިލީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.