Hulhumale beach

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން މޫދަށް އެރިއުޅުމުގައި ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމާއި ޓޫރިސްޓް ޕޮލިހާއި އަދި ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ މަޢުލޫމާތު ހިމެނޭ ބޯޑުތަކެއް ހުޅުމާލޭ  މޫދަށްއެރޭ  ސަރަޙައްދުގައި ބަހައްޓައިފިއެވެ.

މޫދަށް އެރެން ރައްކާތެރި ސަރަޙައްދުތައް އަންގައިދޭ ބޯޑުތައް ހަރުކުރުމުގެ ޕްރޮގްރާމް ހުޅުމާލޭގައި އިއްޔެ އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދެވެ.

އެގޮތުން މޫދަށް އެރިއުޅުމުގައި ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެ ނަމަ ނުވަތަ އެހީއެއް ބޭނުންވެއްޖެ ނަމަ ގުޅާނެ ނަންބަރުތަކާއި މޫދަށް އެރި އުޅުމުގައި ސަމާލުކަންދޭންވީ ކަންކަމުގެ މަޢުލޫމާތާއި އިރުޝާދުތައް ހިމެނޭ ލިޔުންތައް އެ ބޯޑުތަކުގައިވެއެވެ.

އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި، ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނާއި އިންޑަސްޓްރިއަލް ސެކިއުރިޓީ ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒުހާންގެ އިތުރުން ޓޫރިސްޓް ޕޮލިސްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ރަޝީދު ބައިވެރިވެލެއްވިއެވެ.