police

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ފުވައްމުލަކު ސިޓީއަށް ވައިގެ މަގުން ދަތުރުކުރަމުންދާ މީހަކު ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ މީހެކެވެ.

މެއި 15 ވަނަ ދުވަހުގެ 13:24 ހާއިރު ހިންގި މިއޮޕަރޭޝަންގައި ފުވައްމުލަކު ސިޓީ އެއަރޕޯޓުން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މިމީހާގެ ހަށިގަނޑު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އަރައިގެން ހުރި ފައިވާނުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއްނިންމުމަށް ފުވައްމުލަކު ސިޓީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.