Maalhendhoo

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި ނ. ލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މި ދެއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 48 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ.

އެގޮތުން ށ.ފުނަދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ ދަންވަރު 00:15 ހާއިރު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 48 އަހަރުގެ މީހެކެވެ. އެރަށު މަގުމަތިން މިމީހާ ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މީގެ އިތުރުން މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުންދާ ލޯންޗަކުން  މާޅެންދުއަށް ގެންދާ ފޮށިގަނޑެއްގައި މަސްތުވާތަކެތި ރައްކާކޮށްފައިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި 30 އަހަރުގެ މީހަކު މިވަނީ ހައްޔަރުކޮށްފައެވެ.

ލަންދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މެއި 13 ވަނަ ދުވަހުގެ 13:13 ހާއިރު ހިންގި އޮޕަރޭޝަނުގައި، މާޅެންދުއަށް އެ ލޯންޗު ގާތްކުރުމުން ފޮށިގަނޑާ ހަވާލުވާން އައިފަރާތް ހުއްޓުވައި ބަލައިފާސްކުރިއިރު އެ ފޮށިގަނޑު ތެރޭގައި އޮތް ޓްރިމަރެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި ދެ މައްސަލަވެސް ފުލުހުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.