MTCC

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ޑްރައިވަރުންނަށް އަމާޒުކޮށް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

އެގޮތުން ޑްރައިވަރުންނަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ އެންމެހާ ޤަވާއިދުތަކަށް އަހުލުވެރި ބަޔަކަށް ހެދުމަށް ކުރިއަށްގެންދާ މިތަމްރީން ޕްރޮގްރާމްގައި، އެކްސިޑެންޓްތައް ކުރިމަތިވާ ސަބަބުތަކާއި އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި ރޯޑްކޯޑް އަދި ރައްކާތެރިކަމާއިއެކު މަގު ބޭނުންކުރާނެ ގޮތްތަކާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވުމަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

އަދި ޑްރައިވަރުންނަކީ މަގުމަތީގެ އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތައި ބަޔަކަށް ހެދުމާއި އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ރިވެތި ސުލޫކީ މިންގަނޑެއް ގެންގުޅުމާއި ޚިދުމަތް ހޯދާ ފަރާތްތަކަށް އިޙްތިރާމްކުރާ ބަޔަކަށް ޑްރައިވަރުން ވުމަށް މިތަމްރީނު ޕްރޮގްރާމްގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން ޓްރެފިކް މައްސަލަތައް މަދުކުރުމާއިއެކު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކޮށް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ޑްރައިވަރުންނާއި ޓްރެފިކް ފުލުހުންނާއި ދެމެދު އޮންނަންޖެހޭ ގުޅުން ބަދަހިކުރުމަށްވެސް މިތަމްރީން ޕްރޮގްރާމްގެ ތެރެއިން މަސައްކަތް ކުރެވިގެންދާނެއެވެ.

އެމްޓީސީސީގެ އިސްނެންގެވުމުގެ މަތިން ފުލުހުންނާއި ގުޅިގެން ތިންދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި 60 ޑްރައިވަރުން ބައިވެރިވެފައިވެއެވެ.

ފުލުހުންނާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ގުޅިގެން، އެތަނުގެ މުވައްޒަފުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކުރުވުމަށާއި  މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މިފަދަ ތަމްރީނު ޕްރޮގްރާމްތައް ސިލްސިލާކޮށްދަނީ ހިންގަމުންނެވެ.