Gdh drug

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަޕަރ ސައުތު ޑިވިޝަންއާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އަދި ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދެއްގެ މަސްތުވާތަކެތި ހޯދައިފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މިކަން ހާމަކުރެއްވީ ފުލުހުންގެ 86 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ގދ.ތިނަދޫގައި މިރޭ ކުރިއަށްގެންދިޔަ ޑިނަރ ނައިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި މަސްތުވާތަކެތި އަތުލައިގަނެފައި ވަނީ ގދ.އަތޮޅުގައި އޮންނަ ހުޅުވާރުދު ކިޔާ ފަޅުރަށެއްގައި ވަޅުލާފައި ވަނިކޮށް ކަމަށް ހާމަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ ބޯޓަކުން ދިވެހިރާއްޖެއަށް ޓްރެފިކް ކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވަނީ ފާއިތުވެދިޔަ 72 ގަޑިއިރުގެ ތެރޭގައި ފުލުހުން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ. ކަމިޝަނަރ ވިދާޅުވީ އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި100 ކިލޯގެ ހެރޮއިންނާއި، 49 ކިލޯގެ ކެނަބިސް ކަމަށެވެ. އަދި މިތަކެތީގެ އަގު 240.6.9 މިލިޔަން ރުފިޔާގެ އަރާނެކަމަށް ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ވާހަކަފުޅުގައި ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ އަތޮޅުތެރޭގައި މަސައްކަތްކުރައްވާ ފުލުހުން ކުރަމުންގެންދާ މަސައްކަތްތައް ބަލައިގަންނަ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ބައެއް ސްޓްރެޓެޖީއަށް ބިނާކޮށް މިހާރަށް ވުރެ ބޮޑަށް ހިދުމަތްދިނުމަށް މައިގަނޑު ހަ ބައެއް ކަނޑައެޅި އޭގެތެރޭގައި ހިމެނޭ ލޯކަލް ޕޮލިސީ ހާއްސަވާނީ އަތޮޅުތެރޭގައި ގާއިމްވެ ތިބޭ ފުލުހުންގެ މަސައްކަތް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް ކަމުގައެވެ.  ކޮމިޝަނަރ ވިދާޅުވީ މިފަދަ ކާމިޔާބީތައް ފުލުހުންގެ މުޢައްސަސާއަށް ލިބެމުންދާ ސަބަބަކީ ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަމާއި އިތުބާރު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މުޢައްސަސާއަކީ ރައްޔިތުން ބަލައިގަންނަ ޒަމާނާއި އެކަށީގެންވާ ތަނަކަށް ހެދުމަށާއި، އަދި ރައްޔިތުންގެ ރައްކާތެރިކަމަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކަށް ކުރިމަތިލައި އެގާބިލްކަން ފުލުހުންގެ ތެރޭގައި އިތުރުކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ތެދުވެރިކަމާއި އެކު ދެމިތިއްބަވާނެ ކަމަށެވެ.