މަސްތުވާތަކެއްޗާއިއެކު ރ.ހުޅުދުއްފާރުން މީހަކު ހައްޔަރުކޮށްފި

ޕޮލިސް ލާންސްކޯޕްރަލް އައިމިނަތު އަފްސާނާ
Hulhudhuffaaru

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ހުޅުދުއްފާރުން މީހަކު ހައްޔަރުކޮށްފިއެވެ.

މާލެއިން ހުޅުދުއްފާރަށް ދަތުރުކުރަމުންދާ ލޯންޗަކުން މީހަކު ހުޅުދުއްފާރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ.

އެޕްރީލް 28 ވަނަ ދުވަހުގެ 13:06 ހާއިރު ހިންގި މިއޮޕަރޭޝަނުގައި، އެ ލޯންޗު ހުޅުދުއްފާރަށް އައުމުން ފުލުހުންގެ ބެލުމުގެ ދަށަށް މިމީހާ ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި އަށް ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.