Arabiyya school

ސާނަވީ މަރުހަލާގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުންގެ ކުރައިމް ޕްރިވެންޝަން އެންޑް ޕަންލިކް އެފެއާޒް ޑިޕާރޓްމަންޓުން، އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގައި ކުރިއަށްގެންދިޔަ "ކޭމްޕު ފުރާވަރު" ނިންމާ ބައިވެރިންނަށް ސެޓިފިކެޓް ދީފިއެވެ.

މިކަމަށްޓަކައި އަލްމަދަރަސުލް އަރަބިއްޔަތުލް އިސްލާމިއްޔާގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފުލުހުންގެ ސަޕޯރޓް ސަރވިސަސް ގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.

މި ރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނަރ ފަރުހާދު ފިކުރީ ދެއްކެވި ވާހަކަ ފުޅުގައި، މި ފަދަ ކޭމްޕު ތަކަކީ ދަރިވަރުންނަށް މުހިންމު ކޭމްޕު ތަކެއްކަމާއި މި ކޭމްޕުން ދަސްވި ހުނަރުތަކާއި ރީތި އަދަބުތަށް އަމަލީ މައިދާނުގައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ކޭމްޕުގައި ބައިވެރިވި ދަރިވަރުންގެ ކިބައިން އެދިލެއްވިއެވެ.

Arabiyya school 2

މި ކޭމްގައި ބައިވެރިވި ދަރިވަރުންނާއި މުދައްރިބުންނަށް ހަނދާނި ލިޔުން ބައްދަވައި ދެއެްވީ ސަޕޯރޓް ސަރވިސަސް ގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ޝުޖާޢު އަބްދުއްރަހީމެވެ.

އެޕްރީލް 25 ން ފެށިގެން ތިން ދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ މި ކޭމްގައި ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަށް ދަސްކޮށްދިނުމާއި، ރަނގަޅުތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި ކަންކަމުގައި އިސްނަގައިގެން ހަރަކާތްތެރިވުމަށް ބާރުއެޅުމާއި ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތު ދީފައިވެއެވެ. އަދި ދަރިވަރުންގެ ކިބައިގައި ޤައުމީ ލޯބި އިތުރުކުރުމާއި ޤައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަކާދަތަކަށް އަހުލުވެރިކުރުވައި، ޤާނޫނާއި ޤަވާއިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެެވެ.

Arabiyya school 1

މީގެއިތުރުން ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަސްކޮށްދިނުމާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އާއްމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ހުއްޓުވުމުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ދަރިވަރުންނަށް ލިބިދެވޭ ހިމާޔަތާއި ރައްކާތެރިކަމާއި ދަރިވަރުން ރައްކާތެރިވާންޖެހޭ މާއްދާތަކަށް އަހުލުވެރި ކުރުވުމުގެ އިތުރުން ސައިބަރ ސޭފްޓީ އާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

އަދި ސްކޫލާއި ގޭތެރޭގެ މާޙައުލާއި އަދި މުޖުތަމައުގެ ތެރެއިން ދަރިވަރުންނަށް ދިމާވާ ކަންކަން ހައްލުކުރުމަށް ކައުންސިލިން ބޭނުންވާ ދަރިވަރުންނަށް ކައުންސިލިން ދީފައިވެެެއެވެ.

ތިން ދުވަހުގެ މުއްދަތަށް އަރަބިއްޔާ ސްކޫލްގައި ކުރިއަށް ގެންދިޔަ މި ކޭމްގައި އެ ސުކޫލްގެ ގްރޭޑް 10 ން ގްރޭޑް 12 އަށް ތަޢުލީމް ހާސިލްކުރަމުންދާ 38 އަންހެން ދަރިވަރުންނާއި 35 ފިރިހެން ދަރިވަރުން ހިމެނޭގޮތަށް ޖުމްލަ 73 ދަރިވަރުން ބައިވެރިވެ ސެޓިފިކެޓް ހާސިލްކޮށްފައިވެއެވެ.