drug

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާލޭ ފަޅުގައި އޮތް ލޯންޗެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

 ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތި ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެކެވެ. އެޕްރީލް 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި އޮތް ލޯންޗަކުން މިދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު އަށް ރަބަރު ކޮތަޅު ފެނިފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުންނެވެ.