Neykurendhoo

ކުށްމަދު އަމާން މާހައުލެއް ޤާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުން، އެރަށުގެ ގޭބިސީތަކާއި އެރަށުގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ރަމަޟާން މަހަށް އާންމު ރައްޔިތުންނާއި ވިޔަފާރިވެރިން ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މިއަދު ފެށި މިޕްރޮގްރާމްގެ ތެރެއިން، ނޭކުރެންދޫގައި ވިޔަފާރިކުރާ ހުރިހާ ތަނަކާއި އެރަށުގެ ހުރިހާ ގެއަކަށް ފުލުހުން ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން ވައްކަމާއި ފޭރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް މަސައްކަތްކުރުމާއި އަދި ގޭބިސީތަކާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި ވައްކަންކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

އަދި ގޭބިސީތަކާއި ފިހާރަތަކުގެ ސަލާމަތީ ކަންކަން ހުރިގޮތް ބަލައި، އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން ނޭކުރެންދޫގައި ދެމުންގެންދާ ފުލުހުންގެ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައި ރަށުގައި އަމާން މާޙައުލެއް ޤާއިމުކުރުމަށް ކުރަންޖެހޭ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް މިޕްރޮގްރާމްގެ ތެރެއިން ކުރުމަށްވަނީ ހަމަޖެހިފައެވެ.

ކުށްމަދު އަމާން މަޙައުލެއް ރަށްރަށުގައި ޤާއިމުކުރުމުގެ ގޮތުން އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.