Naifaru dharus

ޅ. ނައިފަރު މަދަރުސަތުލް އިފްތިތާޙްގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން އެޕްރީލް 21 ވަނަ ދުވަހު ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި، “އަޅުކަމާއި ތަޤްވާ” މި މަޢުލޫއަށް ދަރިވަރުންނަށް ދީނީ ނަޞޭހަތްދީފައިވެއެވެ. ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުންނާއި އަދި ދީނީ ކަންކަމަށް ދަރިވަރުން އަހުލުވެރިކުރުވުމަށް ކުރިޔަށް ގެންދިޔަ މިދަރުސްގައި ދަރިވަރުންނަށް ދީނީ ނަޞޭހަތް ދެއްވާފައިވަނީ ޅ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އައްޝައިޙް މުޙައްމަދު މޫސާއެވެ.

މަދަރުސަތުލް އިފްތިތާޙްގެ ގްރޭޑް 7 ން ގްރޭޑް 12ށް ތަޢުލީމު ހާސިލުކުރަމުންދާ ހުރިހާ ދަރިވަރުން މިދަރުސްގައި ބައިވެރިވެފައިވެއެވެ.

މީގެއިތުރުން އެ ސްކޫލްގެ ގްރޭޑް 9 ގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށް ‘ނަފްސާނީ ދުޅަހެޔޮ ރާއްޖެ’ މި ޝިއާރުގެ ދަށުން ‘ހަނގާ ކުރުމާއި ދެކޮޅަށް’ މި މަޢުލޫއަށް ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިޔަށް ގެންގޮސްފިއެވެ.

އެޕްރިލް 19ން 20ށް ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި، ހަނގާކުރުމުގެ ސަބަބުން ލިބޭނެ ގެއްލުންތަކާއި އަދި އެކަމުން ދުރުހެލިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.