Kaashidhoo

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ. ކާށިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ކާށިދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މާލެއިން ފުރައިގެން ކާށިދުއަށް ދަތުރުކުރަމުންދާ ބޯޓަކުން ކާށިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް އާންމުފަރާތަކުން ކާށިދޫ ޕޮލިސް ސްޓޭޝަނަށް ދިން މަޢުލޫމާތަކާއި ގުޅިގެން މިއަދު ހެނދުނު 07:05 ހާއިރު ހިންގި މި އޮޕަރޭޝަނުގައި، އެބޯޓު ކާށިދުއާއި ގާތްކުރުމުން ފުލުހުން އެ ބޯޓަށް އަރައި ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ކާށިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.