Counter

ޔޫކޭގެ އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއަރ ޕްރޮޖެކްޓްގެ ދަށުން ދިވެހި ފުލުހުންނާއި ޖަކާޓާގެ ސެންޓަރ ފޮރ ލޯއެންފޯސްމަންޓް ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް ޓުއަރިޒަމް ގުޅިގެން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ތިންވަނަ ކައުންޓަރ ޓެރަރިޒަމް އެވެއަރނެސް ވޯކްޝޮޕް ބާއްވައިފިއެވެ.

މިހިނގާ އޭޕްރީލް މަހުގެ 17 ވަނަދުވަހު ހޮޓެލް ޖެންގައި ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން ފަންޓަވައިދެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢިސްމާއީލް ނަވީން ދެއްކެވި ވާހަކަފުޅުގައި ފަތުވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު ބައެއް ބިނާވެފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށްކަން ފާހަގަކުރައްވައި، ފަތުރުވެރިކަމުގެ ސިނާއަތަށް މިފަދަކަމެއް ކުރިމަތިވެއްޖެނަމަ އެކަމުގެ އަސަރު މުޅިރާއްޖެއަށް ކުރާނެކަމަށެވެ. އެހެންކަމުން ދިވެހިރައްޖެއަކީ އަމާންތަނަކަށް ހެދުމަށްޓަކައި ކައުންޓަރ ޓެރަރިޒަމްއާއި ދެކޮޅަށް ކުރެވެން ހުރިހާ މަސައްކަތެއްކޮށް އެފަދަ ޢަމަލުތައް ހުއްޓުވުމަށްޓަކައި ފުލުހުންނާއި ބައިނަލްއަޤްވާނީ އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަންޖޭކަމަށް ވިދާޅުވިއެވެ.

ވޯކްޝޮޕް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ އާއި، އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއަރ މޯލްޑިވްސް ގެ ޕްރޮގްރާމް ކޯޑިނޭޓަރ ސީން ކެލީގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކާއި، ގެސްޓް ހައުސްތަކާއި، ހޮޓާތަކުގައި މަސައްކަތްކުރާ 34 ފަރާތަކުން ބައިވެރިވެފައިވެއެވެ.

އެއް ދުވަހުގެ މި ވޯކްޝޮޕަކީ ޓެރަރިޒަމްގެ ހާދިސާއެއް ދިމާވެއްޖެ ނަމަ ޓޫރިޒަމް ދާއިރާގައި ސެކިއުރިޓީ މަސައްކަތްކުރައްވާ ފަރާތްތަކަށް އެޅިދާނެ ފިޔަވަޅުތަކާއި، އެކަމާ ކުރިމަތިލާނެ ގޮތްތައް ދަސްކޮށްދިނުމާއި، އެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމުގެ މަޤުޞަދުގައި ބާއްވާ މިފަދަ ތިން ވަނަ މަސައްކަތު ބައްދަލުވުމެވެ.

މި ވޯކްޝޮޕްގައި މަޢުލޫމާތު ދެއްވަނީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފެސިލިޓޭޓަރުންނެވެ.