Hulhumale

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެތެރެއިން ހުޅުމާލެ އޮޕަރޭޝަންސްއާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ގިނައަދަދެއްގެ ބަނގުރާ ދަޅުތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ޑިންގީއެއްގައި ހުޅުމާލެއަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، އެޕްރީލް 11ވަނަ ދުވަހުގެ 22:50 ހާއިރު ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

ޑިންގީއަކުން ހުޅުމާލެއަށް ބޭލި ކަޅުކުލައިގެ ކޮތަޅަކާއި ހަވާލުވުމަށް އެ ސަރަޙައްދަށް އައިސްތިބި މިދެމީހުން އެ ކޮތަޅު ހިފައިގެން ސައިކަލެއްގައި ދާންއުޅުމުން އެ ދެމީހުން ހުއްޓުވައި އެކޮތަޅު ބަލައިފާސްކުރި އިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 48 ދަޅު ފެނިފައިިވެއެވެ. މިދެމީހުން ހުއްޓުވުމަށް މަސައްކަތްކުރި ފުލުހަކަށް އެތަނުން އެކަކު ހަމަލާދީފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ހުޅުމާލެ އިންވެސްޓިގޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.