Redpearl

ފުލުހުންނަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މުޖުތަމަޢުގައި އަމާންކަން ދަމަހައްޓައި، ދިމާވާ ނުރައްކާތެރި އެކި ހާލަތްތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހިއްޖެ ނަމަ އެކަމަށް ތައްޔާރަށް ތިބޭ ބައެކެވެ. މިދެންނެވި ކަންކަމުގައި އެންމެ އިސްކޮށް، ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ އެއްބަޔަކީ ފުލުހުންގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނެވެ. އެއްވެސް ހާދިސާއެއް ހިނގައިފިނަމަ މަދު މިނިޓްކޮޅެއްގެ ތެރޭގައި އެތަނަކަށް ގޮސް، އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ބަޔަކީވެސް ފްރަންޓް ލައިންގައި މަސައްކަތްކުރާ ފުލުހުންނެވެ.

2019 އޭޕްރީލް 10 ވަނަ ދުވަހުގެ 03:49 ހާއިރު ގަލޮޅު ރެޑްޕާލް ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން މާލެތެރެ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންވަނީ މަދު މިނިޓްކޮޅެއްގެ ތެރޭގައި މަޢުލޫމާތު ލިބުނު ގެ ހިމެނޭ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. ފުލުހުން އެތަނަށް ދިޔައިރު ރެޑްޕާލްގެއަށް ވަންނަ ގޯޅިގަނޑުގައި އަލިފާން ރޯވެފައިހުރުމުން ފުލުހުންގެ ވެހިކަލްގައި އޮތް އަލިފާން ނިއްވާ ދެ ފުޅި ބޭނުންކޮށްގެން ގޯޅިގަނޑުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވެއެވެ. އަދި ހާދިސާ ހިނގައިގެން އުޅޭތަނަށް ފުރަތަމަ ދިޔަ ފުލުހުންގެ އިތުރުން ހާދިސާ ހިނގި ތަނަށް ދިޔަ އިތުރު ފުލުހުން ގުޅިގެން ވަނީ ރެޑްޕާލް ގޭގައި ތިބި މީހުން ސަލާމަތްކުރުމަށާއި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގައި އެވަގުތު ލިބެންހުރި ތަކެތީގެ ބޭނުންކޮށްގެން މަސައްކަތްކޮށްފައެވެ.

Redpearl2

އެގޮތުން ރެޑްޕާލް ގޭގައި ރޯވެފައިވާ އަލިފާން ނިއްވާލުމަށް އަލިފާން ނިއްވާ ފުޅި ބޭނުންކޮށްގެން ފުލުހުން މަސައްކަތްކުރަމުންދަނިކޮށް، އެގޭ ފުރަތަމަ ފަންގިފިލާއިން އެއްޗެއް ގޮވައި އެގޭ މައްޗަށް އެރެން އޮތް ސިނޑިއަށް އަލިފާން ފެތުރުމާއި ގުޅިގެން އެގޭގައި ތާށިވެފައިތިބި މީހުން ސަލާމަތްކުރުމަށް ހުރަސްތަކެއް ކުރިމަތިވިއެވެ. ނަމަވެސް ފުލުހުން ވަނީ ރެޑްޕާލް ގޭއާ އިންވެގެން ހުރިގޭގެ ފުރާޅު މައްޗަށް އަރައި ރެޑްޕާލް ގޭގެ ފުރާޅުން ޓިނު ނަގައި ބާނގަނޑެއް ހެދުމަށްފަހު، އެގޭ ތެރޭގައި ތާށިވެފައިތިބި  ބައެއް މީހުން ސަލާމަތްކޮށްފައެވެ. އެގޮތުން ދެ އަންހެނުންނާއި ކުޑަ ފިރިހެން ކުއްޖަކާއި ފިރިހެނަކު ފުރާޅު މައްޗަށް ނަގައި ސަލާމަތްކުރުމަށްފަހު އެމީހުންނަށް ފަރުވާ ދިނުމަށްޓަކައިވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އިތުރު މީހަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އޭނާ ހޭނެތިގެން ވެއްޓުމުން ފުލުހުން ވަނީ ކައިރި ގެއަކުން މަރުތޭލެއް ހޯދައިގެން އައިސް ރެޑްޕާލް ގޭގެ ފާރުތަޅާލައި، ބާނގަނޑެއް ހެދުމަށްފަހު ހޭނިތިގެން ވެއްޓުނު މީހާ ސަލާމަތްކޮށް ފަރުވާދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައެވެ. މިހާދިސާގައި ފުލުހުން ކުރިމަސައްކަތުން އެގޭތެރޭގައި ތިބި ހަތް މީހަކު ސަލާމަތްކޮށްފައިވެއެވެ. އަދި މީހުން ސަލާމަތްކުރުމުގައާއި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން ހަ ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުންވަނީ ފަރުވާ ދީފައެވެ.

Police Faruvaa

ރޯވެފައިވާ އަލިފާންގަނޑުތެރޭގައާއި އަރަމުންދިޔަ ބޯ ދުންތަކުގެ ތެރޭގައި ރެޑްޕާލް ގޭގައި ތާށިވެފައިތިބި މީހުން ސަލާމަތްކުރުމުގައި ފުލުހުން ދައްކުވައިދީފައިވާ ހިތްވަރުގަދަ މަސައްކަތަކީ އަމިއްލަ ނަފްސަށް ބެލުމެއްނެތި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ފުލުހުން ސާބިތުވެ ދެމިތިބޭނެކަން ދައްކުވައިދިން ފުރިހަމަ ނަމޫނާއެކެވެ. ފަޚްރުވެރި މަސައްކަތެކެވެ. އައްސަރިބަހާއި ސާބަހެވެ.