ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފި

ޕޮލިސް ސްޓާފް ސަރޖަންޓް ޖާވިދު އިސްމާޢީލް

Jalsaa

ފުލުހުންގެ ޚިދުމަތަށް 86 އަހަރުގެ ފުރުމުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ ބާއްވައިފިއެވެ.

ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ރޭ ބޭއްވި މި ޖަލްސާ ޝަރަފްވެރިކޮށްެދެއްވީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައިދި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ފުހުހުން އަންނަނީ ވަރަށްބުރަ މަސައްކަތްތަކެއް ކުރަމުންކަން ކުރައްވަމުންކަމަށާއި ފުލުހުންނަކީ ވަޒީފާއެއް އަދާކުރުމަށްވުރެ ބޮޑަށް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ތިބޭ ބައެއްކަމަށާއި އަޅުގަނޑުމެން ކޮންމެ މީހަކަށް، އެއްވެސް ފިކުރެއް ވިސްނުމެއްނެތި، އެމީހެއްގެ ދިރިއުޅުމާއިގެން ކުރިއަށް ދެވެނީ ފުލުހުން ރެޔާއި ދުވާލު ހޭލައި ތިބެ އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭތީކަމަށް ވިދާޅުވިއެވެ.

President

އެހެންނަމަވެސް، މުޖްތަމަޢުގެ އަމާންކަން ފުރިހަމަގޮތުގައި ދެމެހެއްޓޭނީ، ކުށް ކުރުމުން، ކުށްވެރިޔާ ހައްޔަރު ކުރަން ތިބުމުގެ ބަދަލުގައި، ކުށެއް ކުރުމުގެ ކުރިން ކުށްވެރިޔާ ހުއްޓުވައި، ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދޭން މަސައްކަތް ކޮށްގެންކަމަށާއި ކުށަށް އަރައިގަތުމަށް މަގުފަހިވާ ކަންކަމަކީ ކޮބައިކަން ދެނެގަނެ، އެފަދަ ކަންކަން ހުއްޓުވައިގެންކަމަށް ވިދާޅުވިއެވެ. އަދި ސިޔާސީ ނުފޫޒުގައި ފުލުހުން ޖެހުމާއި، ކޮރަޕްޝަންގެ ޢަމަލުތައް ހިންގުމާއި، ޤާނޫނީ އިމުގެ ބޭރުން ކަންކަން ކުރުމަކީ، ފުލުހުންގެ އިތުބާރު ގެއްލޭ މައިގަނޑު ސަބަބުތައްކަމަށާއި އެކަންކަމުގެ ސަބަބުން މިދިޔަ އަހަރުތަކުގައި ރައްޔިތުންގެ ކުރިމަތީގައި، މި މުއައްސަސާގެ ނަން އޮތީ ވަރަށް ބޮޑަށް ކިލަނބުވެ އިތުބާރު ގެއްލިފައިކަން ފާހަގަކުރެއްވިއެވެ.އެހެން ނަމަވެސް ފަހަކަށް އައިސް ފުލުހުން ސާބިތުކޮށްދޭ ޕްރޮފެޝަނަލް ނިޒާމާއި، ޤައުމީ މަސްލަހަތަށް އިސްކަންދިނުމުގެ ސިޔާސަތުގެ ސަބަބުން އެ އިތުބާރު އަލުން ލިބެންފަށާފައިވާކަމަށާއި މިފާއިތުވި ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެންމެ ރަނގަޅު ހެޔޮބަދަލެއް އައި މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާކަން ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ މުއްއަސަސާ އިސްލާހުކުރުމުގެ މަސައްކަތް ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރަމުން އަންނަކަމަށް ވިދާޅުވެ ރައީސް ވަނީ، ސަރުކާރުގެ ފުރަތަމަ މަސައްކަތު ސަތޭކަ ދުވަހު ފުލުހުންގެ މުއައްސަސާއިން ކުރުމަށް ކަނޑައެޅި ހުރިހާ ކަމެއް ފުރިހަމަކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ފަސްއަހަރަށް ފުލުހުން އެކުލަވާލި ސްޓްރެޓެޖިކް ޕްލޭންގައި އެންމެ މުހިންމުކަމަކަށް ހިމަނުއްވާފައިވަނީ ފުލުހުންނާމެދު ގެއްލިފައިވާ އިތުބާރާއި ޔަޤީންކަން އުފެއްދުންކަންވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެކަން ހާސިލްވުމުން ކުށްތަކަށް އަރައިގަންނަ މިންވަރު ވަރަށް ބޮޑަށް މަދުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

Minister

މިނިސްޓަރ އޮފް ހޯމް އެފެއަރޒް މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި  ދިވެހި ފުލުހުންގެ ޚިދުމަތަކީ ވަރަށް ގިނަ ޤާނޫނީ ޒިންމާތަކާއި ގިން މަސްޢޫލިއްޔަތުތަކާއި ގޮންޖެހުންބޮޑު މަސްޢޫލިއްޔަތެއްކަމަށާއި ދިވެހި ފުލުހުންނަކީ ޤާނޫނީ ޒިންމާ އަދާކުރުމުގައި ދެމިތިބުމަށް ގިނަ ދަތިތަކާއެކުވެސް ސާބިތުކަން ދައްކަމުންދާ ބައެއްކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ރައްޔިތުންގެ ހައްޤަށް އަރައިގަންނަ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނެސް ރައްޔިތުންގެ ފުރާނައަށް ގެއްލުންދޭ ކޮންމެ މީހަކު ހުއްޓުވުމާއި ދިވެހި އަބުރާއި އިއްޒަތް ސަލާމަތްކޮށް ޝަރަފް ޚިމާޔަތްކުރުމަކީ ފުލުހުންގެ ޒިންމާއެއްކަމަށާއި ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަން ޤާއިމްކުރުމަކީ ފުލުހުން އަދާކުރާ ބޮޑު އަދި މުހިންމު މަސްޢޫލިއްޔަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ އެ މުހިންމު ސިފަ ހުރިހާ ފުލުހުންގެ ކިބައިގައި އަށަގަންނަވަން ޖެހޭ ކަމަށާއި އަމިއްލަ މަސްލަހަތާއި އަމިއްލަ އެދުމުން ދުރުވެ ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް ފުލުހުންނަށް ގޮވާލައްވާފައެވެ. އަދި އަދުލުއިންސާފް ޤާއިމްކޮށް ޤާނުނުތަކަށް ތަބާވެ ރިވެތި ނަމޫނާ ދެއްކުމަކީ ކޮންމެހެން ބޭނުންވާ ސިފައެއްކަމަށާއި، ފުލުހުންގެ އަމާނާތާއި ވާޖިބު އަދާކުރުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށާއި ރައްޔިތުންގެ ލޯތްބާއެކު ކުރިއަށްދާނެ ބަޔަކަށް ފުލުހުންގެ މުއައްސަސާ ހަދަންޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

CP

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި ޢާންމުންގެ ޚިޔާލާ އެއްގޮތަށް ފުލުހުންގެ މުއައްސަސާ ބައްޓަންކުރުުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައެޅި ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލިއިރު ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ޤާއިމްކުރުމަށް އަދިވެސް ވަރަށް ގިނަ ކަންކަން ކަށަވަރުކުރަންޖެހޭކަމަށާއި ރައްޔިތުންގެ ރައްކާތެރިކަމާއި މުއައްސަސާތައް ގުޅިގެން ހަރުދަނާ އަދި ނަތީޖާ ނެރެވޭފަދަ މަސައްކަތްކުރާފަދަ ސަޤާފަތެއް އަދި ރަނގަޅު އިންތިޒާމްތަކެއް މިއަދުވެސް އެންމެ ފުރިހަމައަށް ނެތްކަން ފާހަގަކުރެއްވިއެވެ.  އަދި މިކަން މިހެން ހުރުުމުން މިއަދުގެ ހާލަތަކީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވެފައި ހުރުންކަމަށްވެސް ވިދާޅުވިއެވެ.

KUla

ރޭގެ ރަސްމިއްޔާތުގައިވަނީ ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި މުވައްޒަފުންނަށް ހަނދާނީ ފިލާ ދެއްވާފައެވެ.

Aguvazan

މީގެއިތުރުންް  ފުލުހުންގެ މުއައްސަސާއަށް ރީތިނަން ހޯދައިދީފައިވާ ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާއަށް ފާއިތުވި އަހަރު އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފައިވެއެވެ. އަދި ފުލުހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ކުލަ ހާސިލްކުރެއްވި ފުލުހުންނަށް ކުލަ ދެއްވާފައިވެއެވެ.

Stretegic plan

މީގެއިތުރުން ރޭގެ ރަސްމިއްޔާތުގައިވަނީ 2019 -2024 އަށް އެކުލަވާލި ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙްކޮށްފައެވެ. މި ޕްލޭން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްއެވެ.

Jalsaa2

މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާއިމް އިބްރާހިމްއާއި ދަޢުލަތުގެ ވަޒީރުންނާއި އެކި މުއައްސަސާތަކުގެ އިސްވެރިންނާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ ޚިދުމަތުން ރިޓަޔަރކުރައްވާފައިވާ ބޭފުޅުންނާއި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ގިނަ ޢަދަދެއްގެ ފުލުހުންނާއި ސިވިލް މުވައްޒަފުން ބައިވެރިވެލެއްވިއެވެ.