މަސްތުވާތަކެއްޗާއިއެކު ކ.ގުޅިން މީހަކު ހައްޔަރުކޮށްފި

ޕޮލިސް ލާންސްކޯޕްރަލް އައިމިނަތު އަފްސާނާ
Gulhi

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ. ގުޅީ ޕޮލިސް ޑެސްކުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ގުޅީގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެކެވެ. މާރިޗް 27 ވަނަ ދުވަހުގެ 21:59 ހާއިރު ހިންގި މިއޮޕަރޭޝަންގައި، އެރަށު މަގުމަތިން މިމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ. މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތްދުވަހުގެ މުއްދަތުވަނީ ދީފައެވެ.

މި މައްސަލަ ކ.މާފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.