bangura

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި، މާލޭގެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރަލާއެކު އަށް ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މައްޗަންގޯޅި ގެއެއްގައި ބަނގުރާ އުފައްދާ ފުޅާދާއިރާއެއްގައިި ބަނގުރަލުގެ ވިޔަފާރިކޮށް ބަނގުރާ ގެންގުޅެ އަދި ބަނގުރާ ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހަކާއި، 22 އަހަރުގެ މީހަކާއި، 24 އަހަރުގެ މީހެއްގެ އިތުރުން  25 އަހަރުގެ މީހަކާއި، 26 އަހަރުގެ މީހަކާއި އަދި 27 އަހަރުގެ މީހަކާއި، 29 އަހަރުގެ މީހެއްގެ އިތުރުން 33 އަހަރުގެ މީހެކެވެ. މި އަށް މީހުންނަކީވެސް ބަނގުލަދޭޝްގެ ރައްޔިތުންނެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން މާރިޗު 17 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި، އެ ގެ ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި 500އެމް.އެލްގެ ޕްލާސްޓިކް 888 ފުޅިއާއި، ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި ފަސް ލީޓަރުގެ ޕްލާސްޓިކް ހަ ފުޅިއާއި، ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި 14 ޓައްޕު ވަނީ ފެނިފައެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.