Dhaandhoo

ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމަށް ފުލުހުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ގއ. ދާންދޫ ސްކޫލާއި މާމެންދޫ ސްކޫލްގެ ދަރިވަރުންނާއި އެެ ދެ ސްކޫލްގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ދެ ޕްރޮގްރާމްގައި، ރިވެތި އަދަބުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ކުށުގެ ވެށިން ދަރިވަރުން ދުރުހެލިވެ ތިބުމަށް މަސައްކަތްކުރަންވީ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އެއްކުއްޖަކު އަނެއްކުއްޖަކަށް އިޙްތިރާމްކުރުމާއި އެހެންކުދިންގެ ކިބައިގައިހުންނަ ތަފާތުތައް ބަލައިގަނެ ގުޅިގެން އުޅުމާއި، ގަނާ ކުރުންފަަދަ ނޭދެވޭ ކަންކަމުން ރައްކާތެރިވެތިބުމާއި އަދި އެފަދަ ކަންކަމުގެ ސަބަބުން ނުކުންނާނެ ނޭދެވޭ ނަތީޖާތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން އެކިކަންކަމުގައި ދަރިވަރުން އަމަލުކުރަންޖެހޭ ރަނގަޅުގޮތްތައް ބުނެދީ އަގުވަޒަންކުރުމާއި ގުޅޭގޮތުން މަޢުލޫމާތުދީ ގްރޫޕް މަސައްކަތްތަކެއް ދަރިވަރުން ލައްވާ ކުރުވާފައިވެއެވެ.

ދާންދޫ ސްކޫލާއި މާމެންދޫ ސްކޫލްގެ ބެލެނިވެރިންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ދެ ޕްރޮގްރާމްގައި، ބެލެނިވެރިކަމުގެ ހުނަރުތަކާއި ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ. އަދި އާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު އަމަލުތަކާއި ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ނުވަތަ އެ މައްސަލައެއް ހައްލުކުރާނެ ގޮތްތައް ބުނެދިނުމާއި މިފަދަ މައްސަލަތައް ހައްލުކުރުމަށް އެންމެން ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ.

މީގެއިތުރުން މިފަދަ މައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން ބެލެނިވެރިންގެ މެދުގައި ގުރޫޕް މަަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މާރިޗު 17ން 18ށް ކުރިއަށްގެންދިޔަ މިޕްރޮގްރާމްތަކަކީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ދާންދޫ ޕޮލިސް ސްޓޭޝަނާއި އަދި މާމެންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކެކެވެ.