team building

ގަރލްގައިޑް އެސޯސިއޭޝަންގެ ލީޑަރުންނަށް އަމާޒުކޮށްގެން ޓީމްބިލްޑިންގާއި ލީޑަރ ޝިޕް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާރޓްމަންޓާއި، ކ. މާފުށި ޕޮލިސް ސްޓޭޝަނާއި އަދި ގަރލްގައިޑް އެސޯސިއޭޝަން ގުޅިގެން، މާރިޗު 15ވަނަ ދުވަހު  މާފުށީގައި ކުރިއަށް ގެންދިޔަ މިހަރަކާތްތަކުގައި، ލީޑަރޝިޕަކީ ކޮބައިކަމާއި ލީޑަރެއްގެ ދައުރާއި އަދި ލީޑަރެއްގެ ދަށުގައި މަސައްކަތްކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީ ލީޑަރޝިޕް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި ޓީމެއްގައި ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާއި ޓީމެއްގައި މަސައްކަތްކުރުމުން ނުކުންނާނެ އެދެވޭ ނަތީޖާތަކާއި ގުޅޭގޮތުން މަޢުލޫމާތުދިނުމުގެ އިތުރުން ޓީމްބިލްޑިންގ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެއިތުރުން އެކި މާހައުލުގައި ލީޑަރުންނާއި ދަރިވަރުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ.

ގަރލްގައިޑް އެސޯސިއޭޝަންގެ އެދުމުގެ މަތިން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި އެ އެސޯސިއޭޝަންގެ ލީޑަރޝިޕްގައި ހަރަކާތްތެރިވާ 122 ލީޑަރަކު ބައިވެރިވެފައިވެއެވެ. މިހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި މާފުށީ ހޮސްޕިޓަލުގެ އެހީތެރިކަމާއިއެކުގައެވެ.