Fuvahmulah drug

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޏ.ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަނުން ހިނގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން އެރަށުގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. މަސްތުވާތަކެތިގެ ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިންޓެލިޖެންސާއި ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަން ގުޅިގެން މާރިޗް 14 ވަނަ ދުވަހު ހިނގި މިއޮޕަރޭޝަނުގައި މިމީހާ ދިރިއުޅޭގެ ކޯޓު އަމުރެއްގެދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ފުވައްމުލައް ސިޓީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއްދީފައިވެއެވެ.

މި މައްސަލަ ފުވައްމުލައް ސީޓީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.