L Gan drug

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މާލެއިން ފުރައިގެން ލ. ގަމަށް ދަތުރުކުރަމުންދާ ކަނޑު ބޯޓަކުން މީހަކު ގަމަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ  37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މާރިޗު 12ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި، އެބޯޓު ގަމު ބަނދަރާއި ގާތްކުރުމުން ފުލުހުންގެ ދަށަށް އެމީހާގެނެސް ބަލައިފާސްކުރިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ޝައްކުކުރެވިގެން ގަމު ހޮސްޕިޓަލަށް މިމީހާ ގެންގޮސް އެކްސްރޭ ނަގައި ބެލިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ހަތަރު ރަބަރު ޕެކެޓު މިމީހާގެ ފުރަގަސްފަރާތުން ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ލ. ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްދީފައިވެއެވެ.

މި މައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.